ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތްތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ލަސްނުކޮށް އެހީތެރިކަން ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ގޮވާލައިފިއެވެ. މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ވުޒާރާއިން ވަނީ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.
މީސްމީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ފެތުރުމުން ދުރުހެލިވުމަށްވެސް މިނިސްޓްރީން ވަނީ އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ހާދިސާތަކުގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ނުހަނު ބޮޑު އަސަރެއް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ގޮވާލާފައިވަނީ މުޖުތަމައުގެ އެންމެން ގުޅިގެން އެކަކު އަނެކަކަށް ހިތްވަރުދީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އަރުވާފައެވެ.


