Tuesday, 28 July 2026
ދެ ކިލޯގެ ހަޝިޝް އޮއިލްއާ އެކު ހައްޔަރުކުރި ދެ އިންޑިއާ ރައްޔިތުން -- ފޮޓޯ: ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވުމުން އެ ގައުމުން އެޑްވައިޒަރީއެއް ނެރެފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުންގެ ނިސްބަތް އިތުރުވަމުންދާތީ، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ޚާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ. މި އެޑްވައިޒަރީ ނެރެފައިވަނީ ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއެކު އަދަބުތައް ވަރަށް ބޮޑަށް ހަރުކަށިވެފައިވާ ދަނޑިވަޅެއްގައެވެ.

އެންސީބީން ނެރުނު "ހައި-ޕްރަޔޯރިޓީ އެޑްވައިޒަރީ" ގައި ބުނެފައިވަނީ، ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުން ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ބިއުރޯއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އެއާޕޯޓުތަކާއި ބަނދަރުތަކުން ދަތުރުކުރާއިރު ގޮތް ނޭނގޭ މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށާއި، އަމިއްލަ ދަބަސްތަކަށް ސަމާލުވުމަށް ވެސް ވަނީ އަންގާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ކަނޑައެޅެއެވެ. އެގޮތުން 350 ގްރާމަށް ވުރެ ގިނަ ކެނެބިސް، 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން ނުވަތަ ޖަދުވަލު އެކެއްގައިވާ އެހެން ބާވަތެއްނަމަ 100 ގްރާމަށް ވުރެ ގިނައިން އެތެރެކުރުމަކީ މަރުގެ އަދަބު އަތުވެދާނެ ކުށެކެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.

ގާނޫނުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. ފަނޑިޔާރުންގެ މެދުގައި އިއްތިފާގު ނުވެއްޖެ ނަމަ، ދެން ދެވޭނެ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިންޑިއާ މީހުން ހައްޔަރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް ތިން މައްސަލައެއްގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 6.7 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހިމެނެއެވެ. އަދި މި ހިނގާ މަހުގެ ތެރޭގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އިންޑިއާގެ ހަތަރު މީހަކު ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަތަކާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖެއަށް ދަތުރުކުރާ އެ ގައުމުގެ ރައްޔިތުން ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް ބޯލެނބުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *