މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ލޭ ރައްކާކުރާ އައިސް އަލަމާރިއަކަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ވެފައިވާއިރު، އޭގައި ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް ތިން މީހެއްގެ ގަޔަށް އެޅިފައި ވިޔަސް އެއީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަން ސިއްހީ ގޮތުން ބަލާއިރު ލިބޭ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން ސިއްޙީ ގޮތުން ބަލާއިރު އެނގޭ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރި އަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން އެނގުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:00 ގައި އެ އިދާރާ ބަންދުކުރި ފަހުން، އެ ރޭގެ 10:11 ހާއިރު އެވެ. އެކަން ފާހަގަވީ އެ ފްރީޒަރުގެ ޓެމްޕަރޭޗާ މޮނީޓާ ކުރާ އެލާޓް ސިސްޓަމުން އެލާޓު މެސެޖުތަކެއް ލިބެން ފެށުމުން ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ކަމާގުޅޭ 5 މުވައްޒަފަކަށް އެލާޓް ދިޔުމުން 3 މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރިއަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ، ސްޓޭންޑްބައި ފްރީޒަށް 12 ލޭ ޕެކެޓް ބަދަލުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އަދި ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު ކަމާ ގުޅޭ މުވައްޒަފުން ވަނީ އޮފީހަށް ނުކުމެ، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ބޭނުންކުރާ "މެޑިކަލް ގްރޭންޑް މެޝިން" އާއި އާލާތްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަމަލުކުރާ އުސޫލާ އެއްގޮތަށް މަސައްކަތް ކޮށްފައި ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ. އޭގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަންނީ ޓީމު ހިމެނެ އެވެ.
އެގޮތުން އާންމުގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަންވާނީ 2 އާއި 6 ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމުގައިވިޔަސް ފިނިހޫނުމިން 11 ޑިގްރީ އަރާފައިވާކަން ފާހަގަވުމުން އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަމެއް ސިސްޓަމުގައި އޮޓޯއިން ލޮގު ކުރެވިފައިހުރި ރެކޯޑުތައް ބަލައި ޗެކްކުރުމުންވެސް ސިސްޓަމުން ސާފުކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
"ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވާ ގޮތަށް ޖުމުލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާ އެކު، ފްރީޒަރުގައި ލޭގެ ޕެކެޓުތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑުން އެނގެން އޮވެ އެވެ،" ބަޔާނުގައި ބުންޏެވެ.
މީގެއިތުރުން ފްރީޒަރަށް މައްސަލަ ދިމާވުމާ ގުޅިގެން އިދާރާއިން ބަލަންޖެހޭ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތުގެ ތެރޭގައި، މިމަހުގެ 20ވަނަ ދުވަހު ތެލަސީމިއާ ސެންޓަރުގައި ލޭއެޅުމަށްޓަކައި ތިބި 3 މީހަކަށް، އެމީހުންނަށް ލޭ އެޅުމުގެ ބޭނުމަށް އޭގެ ކުރީ ދުވަހު ކަނޑައަޅައި ފްރީޒަރުގައި ރައްކާކޮށްފައި ހުރި ލޭ ހެނދުނުގެ ވަގުތެއްގައި އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ލޭ އަޅާފައިވާކަން ފާހަގަވީ އެމީހުންނަށް ލޭ އަޅާ ނިމުނުފަހުން ކަމަށްވެސް ބުނެފައިވެ އެވެ.
ބްލަޑް ސާވިސް އިން ބުނީ، ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ ގަޔަށް އަޅަންޖެހޭ ދެ ޕެކެޓު ލޭގެ ތެރެއިން އެއް ޕެކެޓު ލޭ ހޯމަ ދުވަހު ނާޅާ ކަމަށެވެ. އަދި އެކަން ހިނގައިގެން އުޅޭ ކަން ވެސް އެ ތިން މީހުންނަށް އެންގި ކަމަށް އެ އިދާރާ އިން ބުންޏެވެ.
"އެހެން ނަމަވެސް ލޭ ޕެކެޓު އެޅުނު ތިން ފަރާތަށް ލޭ އެޅުނުކަން އެންގުން ލަސްވެފައިވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.
އަދި ކަންހިނގައިދިޔަ ގޮތަށްބަލައި، ލޭ އެޅުމުގައި ޝާމިލްވާ ޚިދުމަތްތެރީން ފާހަގަކޮށް އިހުމާލު ވެފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަޙުޤީޤު ޓީމެއް އެކުލަވާލައި، ތަޙުޤީޤެއް ފަށާފައިވާ ކަމަށާއި އަދި ލޭ އެޅުމުގެ ކަންކަމާ ހަވާލުވެހުރި ފަރާތުން، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މަޢުލޫމާތު އެންގުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވި މިމަހުގެ 23 ވަނަ ދުވަހު ތަހުޤީގު ބޭނުމަށް އޮފީހަށް ނުކުތުން މަނާކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބްލަޑް ސާވިސަސް އިން ބުނީ، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އާއި ޓެކްނިކަލް މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ ޕެކެޓުތައް އެޅި ތިން މީހުންގެ ތެރެއިން އެކެއްގެ އާއިލާ ހިމެނޭ ގޮތަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ބައްދަލުކޮށް ކަންބޮޑުވުންތައް އަޑު އެހި ކަމަށެވެ. އެ ވަގުތާ ހަމައަށް ހާމަކުރެވެން ހުރި ސައްހަ އަދި ފުރިހަމަ މައުލޫމާތު ފޮރުވުމެއް ނެތި އެ ފަރާތްތަކަށް ދިން ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.


