Tuesday, 28 July 2026
ފޮޓޯ:އެޗްއާރްސީއެމް

ދަނާލުގައި އަންހެނަކު މަރުވި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަން ފަށައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މާލޭގައި ހުންނަ ދަނާލުގައި ދިރިއުޅެމުން ދިޔަ 18 އަހަރުގެ އަންހެން ކުއްޖަކު މަރުވި ހިތާމަވެރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިސްނަގައިގެން ތަހުގީގު ކުރަން ފަށައިފިއެވެ.

މާލޭގައި ކިޔަވަން އުޅޭ ކުދިން ބައިތިއްބާ އެކޮމޮޑޭޝަން ބްލޮކެއްގައި ދިރިއުޅެމުން ދިޔަ މި ޒުވާނާ މަރުވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވެސް އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން މީސްމީޑިއާ އާއި އެކި ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ދަނީ ފަތުރަމުންނެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅޭ ވީޑިއޯ ފަދަ ތަކެތި އާންމު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެޗްއާރްސީއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހާދިސާ އެ ކޮމިޝަނުން އިސްނަގައިގެން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި މަރުވި ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

"މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން، ހަގީގަތާ ހިލާފު ވާހަކަ އާއި ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރުމަށާއި، އަދި މަރުހޫމާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަން،" އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުދާއިރު، އެެއާއިލާއަށް ކުރިމަތިވެފައިވާ މި ބޮޑު ހިތާމައިގައި ގިނަ ބަޔަކު ދަނީ ބައިވެރިވެ، ތައުޒިޔާ ފޮނުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *