މާލޭގެ މަސްތުވާތަކެތީގެ ކެފޭއެއްގެ ގޮތުގައި ބޭނުންކުރާ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު ނ. ވެލިދޫ ފިރިހެން މީހާގެ އޮޓޮޕްސީ ހެދުމަށްފަހު، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިއެވެ. މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ މާލޭގެ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރެއިންނެވެ. ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 13:10 އެހާކަންހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ނަމަވެސް، "ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް" ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭތީ އޮޓޮޕްސީ ހަދަން ނިންމީއެވެ.
އޮޓޮޕްސީ ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް، ފުލުހުން ވަނީ މިރޭގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައެވެ. އާއިލާއާ ހަށިގަނޑު ހަވާލުކުރުމާއެކު، މިއަދުގެ އިޝާ ނަމާދަށްފަހު އޭނާގެ ޖަނާޒާ ބާއްވައި، މިހާރު ވަނީ ވަޅުލާފައެވެ.
މި މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާއިރު، އޮޓޮޕްސީގެ ވަގުތީ ނަތީޖާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


