ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގައި ފޯރުކޮށްދެމުން އައި ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ތައުފީޤު އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުހަރު އެވެ.
މި ބަދަލަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިރުޝާދުގެ ދަށުން ގެނެވުނު ބަދަލެކެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ތިން އަތޮޅުގެ 25 ރަށެއްގެ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ބަލަހައްޓަން ފަށާނެއެވެ. މިއާއެކު ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ ޖުމްލަ އަދަދު 61 އަށް އިތުރުވެގެންދާނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ ހިންގުން ހަރުދަނާވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މި ބަދަލަކީ ސަރުކާރުގެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
ސްޓެލްކޯއިން ވިދާޅުވީ މި ތިން އަތޮޅުގެ ރަށްތަކުގެ ޔޫޓިލިޓީ ޚިދުމަތްތައް އެ ކުންފުނީގެ ދަށަށް ބަދަލުވުމުން، އެ ރަށްރަށުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެ ކަމަށެވެ. ޚިދުމަތްތައް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.


