މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ރަސްމާލޭ މަޝްރޫއަށް ބޭނުންވާ ބިމުގެ 50 އިންސައްތަ މިހާރު ހިއްކައި ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފުށިދިއްގަރުފަޅުން ރަސްމާލެ ތަރައްގީކުރުމަށް ހިއްކަން ކަނޑައަޅާފައިވާ ބިމުގެ ތެރެއިން މިހާތަނަށް 500 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ވާވަރުގެ ބޮޑު ސަރަހައްދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައެއް މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ބިން ދޫކުރުމުގެ މަރުހަލާ ނިމެންވާއިރަށް ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. "އަޅުގަނޑުމެން މިހާރު ހުޅުވާލާފައިވާ އެޕްލިކޭޝަން ޕްރޮސެސް ނިމި (ބިން ލިބޭ) ފަރާތްތައް ހޮވެންވާއިރަށް އިރާދަކުރެއްވިއްޔާ ބިންތައް ހިއްކައި ނިންމައި އެފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ބިން ހަވާލުކުރެވޭ މިންވަރަށް ގެންދެވޭނެ،" ޑރ. މުއްތަލިބު ވިދާޅުވިއެވެ.
މި ސަރުކާރުން ނުހިއްކާ ހުރި ކަނޑުފަޅުން ބަޔަކަށް ގޯތި ދޫނުކުރާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ. މިއީ ކުރީ ސަރުކާރުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ނުހިއްކައި ގޯތި ދޫކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ދެއްވި ޔަގީންކަމެކެވެ.
ކުރީ ސަރުކާރުން ގޯތި ދޫކުރި ނަމަވެސް ނުހިއްކާ ހުރި ބިންތައް ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ މި ސަރުކާރުންނެވެ. އެގޮތުން ގުޅިފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިންމާފައިވާއިރު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ހަލުއިދުވެލީގައި ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.


