Tuesday, 28 July 2026
އެމްޑީޕީގެ ދިދަ ވިހުރުވަނީ--ފޮޓޯ: ސަން

އެމްޑީޕީގެ މެންބަރުންގެ އަދަދު ބައި ލައްކަ ހުރަސްކޮށްފި

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އިއްޔެ އެކަނިވެސް 4,800 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކޮށްފިއެވެ. މިއާއެކު އެ ޕާޓީގެ ޖުމްލަ މެންބަރުންގެ އަދަދު މިހާރު ވަނީ ބައި ލައްކައަށްވުރެ މައްޗަށް އަރާފައެވެ.

އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެ އިންތިހާބުގައި ވޯޓުލެވޭނީ ރޭގެ މެންދަމު 12 ޖެހުމާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ކަނޑައެޅުމާ ގުޅިގެން، ވޯޓުލުމުގެ ހައްގު ހޯދުމަށް ގިނަ ބަޔަކު ވަނީ ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާފައެވެ.

އިއްޔެ އެމްޑީޕީއަށް އަލަށް ގުޅުނު މެންބަރުންގެ ތަފްސީލް ހިއްސާކުރައްވަމުން އީސީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވީ، ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް 4,876 މީހަކު އެ ޕާޓީއަށް ވަދެފައިވާ ކަމަށެވެ.

އީސީގެ ވެބްސައިޓުގައި މިހާރު ފެންނަން އޮތް ރަސްމީ އަދަދަކީ 43,784 ކަމަށް ވިޔަސް، އެއީ ވެބްސައިޓް އަދާހަމަ ނުކޮށް އޮތުމުން ފެންނަ އަދަދެކެވެ. އުނައިސް ވިދާޅުވި ގޮތުގައި، އިއްޔެ ގުޅުނު މީހުންނާއި ފާއިތުވި ދުވަސްތަކުގައި ޕާޓީއަށް ވަން މީހުން ހިމެނުމުން، އެމްޑީޕީގެ މިހާރުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 50,588 އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *