Tuesday, 28 July 2026
ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހިންގަނީ،: ފޮޓޯ: ކޮލެޖް ވެބްސައިޓް

ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހިންގާތީ، އެކަމަށް ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސްކޮށްފި

"އެސްއޭއެސް މެޑިކަލް ކޮލެޖް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހިންގާ ކަމަށް ބުނެ، އެ ތަނަށް ދަރިވަރުން އިތުރުކުރުމަށް އިޝްތިހާރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންގައިފިއެވެ.

މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެސްއޭއެސް މެޑިކަލް ކޮލެޖަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ ވުޒާރާގައި ރަޖިސްޓަރީކޮށްގެން ހިންގާ މަރުކަޒެއް ނޫން ކަމަށެވެ. އެހެންކަމުން، އެފަދަ ތަންތަނުން ހިންގާ ހަރަކާތްތަކަށް އާންމުން ސަމާލުވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 62 ވަނަ މާއްދާއާ ހަވާލާދީ މިނިސްޓްރީން ވިދާޅުވީ، ކޮލެޖެއްގެ ހައިސިއްޔަތު ގާނޫނީގޮތުން ލިބިގެން ނޫނީ ރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތައުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށެވެ. މީގެ އިތުރުން، އެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ނުކޮށް އެއްވެސް ފަރާތަކުން މަތީ ތައުލީމުދޭ މަރުކަޒެއް ހިންގުމަކީ މަނާކަމެކެވެ.

ހަމައެއާއެކު، އެ ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވާސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއްގެ ނަމުގައި އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީވެސް ކުށެއް ކަމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

މިފަދަ ގޮތްގޮތަށް ރަޖިސްޓަރީ ނުކޮށް ހިންގާ މަރުކަޒުތަކުން ދޭ ތައުލީމަކީ ރާއްޖޭގައި ގަބޫލުކުރާނެ ފެންވަރުގެ ތައުލީމަކަށް ނުވާނެތީ، ދަރިވަރުންނާއި ބެލެނިވެރިން ކޯސްތަކުގައި ބައިވެރިވުމުގެ ކުރިން އެއީ ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއްތޯ ބެލުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *