މޯލްޑިވްސް ޕޯސްޓްގެ މައި އިދާރާ ނުވަތަ ޕޯސްޓު ބިލްޑިންގުން ދެމުން އައި ޚިދުމަތްތައް، އެ ކުންފުނީގެ އާ ސަރވިސް ސެންޓަރަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މޯލްޑިވްސް ޕޯސްޓުން ބުނި ގޮތުގައި، މި ސަރވިސް ސެންޓަރު ގާއިމުކޮށްފައިވަނީ މ. އައިރިސް / އޯކިޑްމަގު، ގްރައުންޑް ފްލޯގައެވެ. މި އިމާރާތް ހުންނާނީ ޖަސްޓިސް ބިލްޑިންގާ ސީދާ ކުރިމައްޗަށް ވާގޮތަށެވެ.
މި ސެންޓަރުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އާ ސަރވިސް ސެންޓަރަށް ޚިދުމަތްތައް ބަދަލުކުރުމާއެކު، ޕޯސްޓް ކުރުމުގެ ޚިދުމަތާއި، ޕާރުސަލް ދޫކުރުމުގެ އިތުރުން ޕޯސްޓުން ދެމުން އަންނަ އެހެނިހެން ހުރިހާ ޚިދުމަތްތަކެއްވެސް އެތަނުން ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ، މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީސް ހިމެނޭ ސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ. މީގެ ސަބަބުން ޕޯސްޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
މޯލްޑިވްސް ޕޯސްޓަކީ ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ސަރުކާރުގެ ކުންފުންޏެވެ.


