Tuesday, 28 July 2026
ދިވެހިންގެ ހުނަރުވެރިކަމުގެ މިސާލެއް---ފޮޓޯ:އާނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާ ގުޅުވައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް ބީސީސީން ހުޅުވާލައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާ ގުޅުވައިގެން، ދިވެހި އުފެއްދުންތެރިކަމާއި އައު އީޖާދުތައް ދައްކުވައިދިނުމުގެ މަޤްސަދުގައި ވީޑިއޯ ހެދުމުގެ މުބާރާތެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތް އިޢުލާންކޮށްފައިވަނީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ "ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ" ނުވަތަ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހާ ގުޅުވައިގެންނެވެ.

ބީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް އަޕްލޯޑް ކުރަންވާނީ ބައިވެރިވާ ފަރާތުގެ އަމިއްލަ ޓިކްޓޮކް ނުވަތަ އިންސްޓަގްރާމް ފަދަ މީސްމީޑިޔާ މަންސަތަކަށެވެ. މުބާރާތުގައި ހިމެނޭ ކުރު ފިލްމު ކެޓެގަރީގައި 3 ނުވަތަ 5 މިނެޓުގެ ވީޑިއޯތައް ހުށަހެޅޭނީ، ސޯޝަލް މީޑީއާއަށް އަޕްލޯޑު ކުރުމަށްފަހު އެ ވީޑިއޯގެ ލިންކު expo@bcc.mv އަށް އީމެއިލް ކުރުމުންނެވެ.

ވީޑިއޯތައް ހިއްސާކުރާއިރު ބީސީސީގެ މީސްމީޑިޔާ ހޭންޑްލް @BCC އާއި، މޯލްޑިވްސް އެކްސްޕޯ @EXPOMV އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓު އެންޑް ޓްރޭޑު @MOEDT ޓެގް ކުރަންވާނެއެވެ. މީގެ އިތުރުން #mauraz26 ހޭޝްޓެގް ބޭނުންކުރުމަކީ މަޖުބޫރު ކަމެކެވެ.

މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ކެޓެގަރީއަކަށެވެ. އެއީ އެންމެ އުފެއްދުންތެރި ވީޑިއޯގެ ކެޓެގަރީ އާއި އެންމެ މޮޅު ވީޑިއޯ ރީލް ހުށަހަޅާ ކެޓަގަރީއެވެ. އެންމެ މޮޅު ވީޑިއޯ އުފައްދާ ފަރާތަކަށް ޑީޖޭއައި ފްލިޕް ފްލައި މޯ ކޮމްބޯ އަކާއި އޮސްމޯ ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު ވީޑިއޯ ރީލްސް ހުށަހަޅާ ފަރާތަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތަކަކީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ، އަދި އުފެއްދުންތެރި ގޮތެއްގައި ކޮންމެވެސް މޮޅު ހިޔާލެއް ނުވަތަ ކަމެއްގެ ހައްލެއް ދައްކުވައިދޭ ވީޑިއޯތަކަކަށް ވާންޖެހޭނެއެވެ. ބީސީސީން ވިދާޅުވީ، ހުށަހަޅާ ކޮންޓެންޓަކީ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެ ކަމަށާއި، އެހެން ފަރާތެއްގެ މަސައްކަތެއް ކޮޕީކޮށްފައިވާނަމަ ޑިސްކޮލިފައި ކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ފިކުރެއް ނުވަތަ މީހެއްގެ އަބުރަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއް ވީޑިއޯގައި ހިމެނިގެން ނުވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާއިރު، ވީޑިއޯތައް އުފައްދައި އަޕްލޯޑް ކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *