Tuesday, 28 July 2026
ސަޢީދު ސަރއަށް ރައީސް މައުމޫން ސްކައުޓްގެ ޝަރަފެއް އަރުވަނީ --

ޚިދުމަތްތެރި ސްކައުޓް ލީޑަރު ސަޢީދު ސަރ ނިޔާވެއްޖެ

ދިވެހި ސްކައުޓް ހަރަކާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، މ. ހެޕީޑޯން އަޙްމަދު ސަޢީދު (ސަޢީދު ސަރ) މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އުމުރުން 53 އަހަރުގައި ސަޢީދު ނިޔާވުމަކީ ދިވެހި ސްކައުޓް އާއިލާއަށާއި ތަޢުލީމީ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެކެވެ. އޭނާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު މއ. އާސަހަރާ މިސްކިތުގައެވެ.

ސަޢީދަކީ ގަލޮޅު މަދަރުސާގައި ސްކައުޓް ހަރަކާތް ދިރުވައި އާލާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެ މަދަރުސާގެ ސްކައުޓް ގުރޫޕްގެ ލީޑަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު، ނިޔާވިއިރުވެސް އޭނާ ހުންނެވީ އެސިސްޓެންޓް ސްކައުޓް ލީޑަރުގެ މަގާމުގައެވެ. މީގެ އިތުރުން ގަލޮޅު މަދަރުސާގެ އޮފީސް އެސިސްޓެންޓް ކަމާއި ސްޕޯޓްސް ސްޕަވައިޒަރުގެ މަގާމު ފުރައްވަމުން ގެންދެވި ސަޢީދު ވަނީ އެ މަދަރުސާއަށް 29 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން، ސަޢީދު ވަނީ ދިވެހި ސްކައުޓް ޖަމިއްޔާގެ ނެޝަނަލް ކޮމިޝަނަރެއްގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އޭނާއަކީ ރާއްޖޭގައި ސްކައުޓް ލީޑަރުން ތަމްރީނު ކުރުމުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ތަޖުރިބާކާރު ލީޑަރެކެވެ.

ސަޢީދު ސަރ ނިޔާވުމާ ގުޅިގެން ސްކައުޓް ޖަމިއްޔާއިންނާއި ގަލޮޅު މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިން ގެންދަނީ އޭނާގެ ވަކިވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމަށް ހެޔޮ ދުޢާ ފޮނުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *