ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބަދަލު ގެނެސްފިއެވެ. މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 21,836.50 ރުފިޔާއެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އައި ބަދަލާ ގުޅިގެންނެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށްވާއިރު، މިހާރު ނިސާބު ޖެހެނީ ރިހީގެ ގްރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ މިންވަރަށެވެ. މީގެކުރިން މިދިޔަ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 19,527.90 ރުފިޔާގައެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިސާބު ކަނޑައެޅުމެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކުމުގެ ފުރުސަތު އޮވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ. އެގޮތުން މީރާގެ ކައުންޓަރުތަކުގެ އިތުރުން އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެމީހަކު ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެއެވެ.


