ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އަދި ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މި ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވި ޢަބްދުﷲ ޖަމީލް މޫސާ އަކީ ޝަރުއީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. ޢަބްދުﷲ ޖަމީލް މޫސާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނީ 2025 އޯގަސްޓް 3 ގައެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ނަޝީދު އަކީ ޝަރުއީ ދާއިރާގައި 21 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމާއި، ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ އިތުރުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ ގާޒީކަންވެސް ކުރައްވާފައެވެ.
މި ދެ ބޭފުޅުންނަކީވެސް ޝަރީއާ އެންޑް ލޯގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ޢަބްދުﷲ ޖަމީލް މޫސާ ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާއިރު، ޢަބްދުﷲ ނަޝީދު ވަނީ މާސްޓަރސް އޮފް ލޯ ހާސިލްކުރައްވާފައެވެ.


