މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަޒީފާއަށް ނުނުކުންނަ ސިޔާސީ މުވައްޒަފުންނަށާއި ބައެއް މީޑިއާތަކަށް ފައިސާ ދެމުންދާ ކަމަށް ބުނާ މައްސަލައެއްގެ ހަގީގަތް ހޯދުމަށް، އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީއަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ.
މިދިޔަ ބުދަ ދުވަހު ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، އެމްއޭސީއެލްއިން މަސައްކަތަށް ނުނުކުންނަ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 2.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. މިއީ ދައުލަތުގެ ފައިސާއަށް ނަހަމަ ގޮތުގައި އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، މެންބަރު އަމީން ވިދާޅުވީ މިއީ ގާނޫނުއަސާސީއާއި، މާލިއްޔަތު ގާނޫނުގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.
މުސާރައިގެ އިތުރުން، އެމްއޭސީއެލްއިން ބައެއް މީޑިއާތަކަށް އިޝްތިހާރު ކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޭ ކަމުގެ ތުހުމަތު ވެސް މައްސަލައިގައި ވަނީ ހިމަނާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮންނަ ޑިމާންޑާ އެއްގޮތަށް ފްލައިޓުތަކަށް ޖާގަ ނުދެވޭއިރު، ކުންފުނި އިތުރަށް އިޝްތިހާރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އަދި މި ފައިސާ ދޫކުރަނީ މަގުބޫލު ނޫން ބައެއް މީޑިއާތަކަށް ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ނޫސްވެރިން ސުވާލުކުރުމުން، އެ މަނިކުފާނު ވިދާޅުވީ އެމްއޭސީއެލްއަށް ބޮޑު މުސާރައިގައި ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ލިޔެކިޔުންތަކެއް ދައުރުވަމުންދާތީ، އެއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަން މެންބަރު އަމީން ވަނީ ފާހަގަކުރައްވާފައެވެ.
މަސައްކަތް ނުކުރާ ބަޔަކަށް ކުންފުނީގެ ފައިސާ ހަރަދުކުރުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަލް ހަރަދު ބޮޑުވެ، ސަރުކާރަށް ލިބޭ ޑިވިޑެންޑު ކުޑަވާނެ ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔާއަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، އެމްއޭސީއެލްގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް މިކަމުގެ ހަގީގަތް ސާފުކުރުން މުހިންމު ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.


