Tuesday, 28 July 2026
ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން -- ފޮޓޯ: އެޗްއާރްސީއެމް

މުޒާހަރާތަކުގައި އާންމުންގެ މެދުގައި ނަފްރަތު އުފެދޭގޮތަަށް ވާހަކަދެއްކުން ހުއްޓާލުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފި

މުޒާހަރާތަކުގައި އާންމުންގެ މެދުގައި ނަފްރަތު އުފައްދާ ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކުން ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

މިއަދު އެޗްއާރްސީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި ނަފްރަތު އުފައްދާ ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ކަމާބެހޭ ފަރާތްތަކުން ގާނޫނީ ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން ގޮވާލާފައިވެއެވެ.

"ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައިވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދިނުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް،" އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމުން ވަނީ ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ބޭނުންކުރަންޖެހޭ ހައްގެއްކަން ހަނދާންކޮށްދީފައެވެ. އަދި އެ ހައްގުގެ ބޭނުން ހިފުމުގައި އަނެކާގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ ލާޒިމްކަމެއްކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

މީގެއިތުރުން ހުރިހާ ސިޔާސީ ޕާޓީތކަެއްވެސް ހަރަކާތްތައް އިންތިޒާމްކުރުމުގައި އާންމު މަސްލަހަތު އިސްކުރުމަށް ގޮވާލައި، ގާނޫނީ އިމުގެ ތެރެއިން ބާއްވާ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް އެޗްއާރްސީއެމުން ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *