ޖަރުމަނުގެ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުންދާތީ އެ ބްރޭންޑުގެ ކާނާ ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭއިން ބުނީ، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ 'ހިޕް’އިން، އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ ހިޕް މަރުކާގެ ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުުރުމަށް އަންގައި ބާޒާރުން އަނބުރާ ނަގަން ފަށައިފައިވާ ކަމަށެވެ. އެގޮތަށް އަންގައިފައި ވަނީ އެ އުފެއްދުންތަކުގައި މީދާ މަރަން ބޭނުންކުރާ ބޭސް އެކުލެވިފައިވާ ކަމަށް ޝައްކުކުރެވޭތީ ކަމަށް އެ އިދާރާއިން ބުންޏެވެ.
އަދި މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި އުފެއްދުމަކަށް ނުވިޔަސް، އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން ތަހުގީގެއް ފަށައިފައިވާކަން ވެސް އެމްއެފްޑީއޭއިން ފާހަގަކުރިއެވެ.
މި ނުރައްކާތެރި ވިހައިގެ އަސަރު ހުރިކަމަށް ބެލެވޭތީ، އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބާޒާރުން އެ އުފެއްދުންތައް އަނބުރާ ނަގަމުންނެވެ.


