Tuesday, 28 July 2026
ރައީސް އޮފީސް-----ވިކިމޭޕިއަ

ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ހުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް: އޮޑިޓާ ޖެނެރަލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ އޮފީހުން ނެރުނު ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 31 ޑިސެންބަރު 2024 ގެ ނިޔަލަށް ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި، ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރިކޯޑުތަކުގައި އެއްވެސް އުނިއިތުރުކަމެއް ހުރިކަން ފާހަގަކުރެވިފައެއް ނުވެއެވެ. މިއީ މާލީ ރިކޯޑުތައް ދެފުށް ފެންނަ ގޮތެއްގައި ބަލަހައްޓާފައިވާ ކަމުގެ ހެއްކެއް ކަމަށް ރިޕޯޓުން ދޭހަވެއެވެ.

ރައީސް އޮފީހުގެ 2024 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކޮށްފައިވަނީ، އެ އޮފީހަށް ފާސްކޮށްދިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށެވެ. އަދި މި ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެ އޮފީހުގެ އެހެނިހެން މާލީ ކަންކަން ހިންގާ ބަލަހައްޓާފައި ވަނީ ވެސް ގާނޫނީ އިމުގެ ތެރެއިން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. 2024 ވަނަ އަހަރަށް ރައީސް އޮފީހަށް ފާސްކޮށްފައިވަނީ 204,600,000 ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމުލަ ހަރަދު ކޮށްފައިވަނީ 240,050,424 ރުފިޔާކަން ރިޕޯޓުން އެނގެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް އޮފީހުގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ރިކޯޑުތައް ވެސް ހުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މިއީ ދައުލަތުގެ މުއައްސަސާތަކުން މާލީ ގަވާއިދުތަކަށް ބޯލަނބާ މިންވަރު ހާމަކޮށްދޭ މުހިންމު ރިޕޯޓުތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *