ރާއްޖެ އާއި ޗައިނާއާއި ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ވެސް ފްރެންޗައިޒް ވިޔަފާރިތަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ ރެސްޓޯރެންޓް ވިޔަފާރިއަކީ ބިދޭސީންނަށް މަނާ ވިޔަފާރިއެއް ނަމަވެސް، ޗައިނާގެ ކުންފުނިތަކަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ފުރުސަތު ދީފައިވަނީ ކީއްވެތޯއެވެ. މިކަމާ ގުޅިގެން ވަޒީރު ސައީދު ވިދާޅުވީ، މިހާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ސިޔާސަތުގެ ދަށުން ރެސްޓޯރެންޓް ވިޔަފާރިއަކީ ހަމައެކަނި ދިވެހިންނަށް ކުރެވޭ ވިޔަފާރިއެއް ކަމަށާއި، ނަމަވެސް ފްރެންޗައިޒް ވިޔަފާރިތަކަށް ވަކި ޝަރުތުތަކެއްގެ ތެރެއިން އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށްދިޔައީ 2015 އިން 2017 ވަނަ އަހަރަށް ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ސިނާއަތްތަކުގެ ތަޖުރިބާކާރުންނާއި، ސްޓޭކް ހޯލްޑަރުންނާއި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިން ޝާމިލުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އެއްބަސްވުން ތަންފީޒުވާން ފެށިއިރު، ސަރުކާރުން މިހާރު އާންމުކޮށްފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ސިޔާސަތުގައި ހިމެނޭ ކަންކަމާއި ޗައިނާއަށް އޭރު ދީފައިވާ ޔަގީންކަމާއި ތަފާތުތަކެއް ހުރެދާނެ. ފްރެންޗައިޒް ވިޔަފާރިތަކަށް ވަކި ޝަރުތުތަކެއްގެ ތެރެއިން އެ ފުރުސަތު ޗައިނާއަށް އޮންނާނެ،" ވަޒީރު ސައީދު ވިދާޅުވިއެވެ.
ފްރެންޗައިޒްތަކަށް އެ ފުރުސަތު އޮތުމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކަނި ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ އޭގެ ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތަށް ފުރުސަތު ދެނީ ބައިނަލްއަގުވާމީ ފްރެންޗައިޒްތައް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.


