ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އަމްޖަދު މުސްތަފާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަކީ ފަސް އަހަރު ދުވަހުގެ ދައުރެއް ކަނޑައެޅިފައިވާ މަގާމެކެވެ. މި މަގާމުގެ މުސާރައަކީ މަހަކު 47,500 ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ 30,500 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި ދެވޭ 15,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި ކަނޑައެޅިފައިވާ 2,000 ރުފިޔާއެވެ.
ގާނޫނުގައިވާ ގޮތުން މި މަގާމަށް އައްޔަން ކުރާ ފަރާތްތަކަކީ ގާނޫނީ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ، އަދި ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅަކަށް ވާންޖެހެއެވެ.


