"ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" މި ސުރުހީގެ ދަށުން 'އަދަދު' ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަފުޅުތަކުގެ މާނަ އޮޅުވާލައިގެން ލިޔެފައިވާ ހަބަރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ދިން އެންމެ މުހިންމު އެއް މެސެޖަކީ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ވަޒީފާ ދެމުން އައި އުސޫލު ބަދަލުކުރަން ޖެހޭ ކަމުގެ ވާހަކަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުން އަމަލުކުރާނީ ހާމަކަން ބޮޑު، އުސޫލުތަކުގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، "އަޅުގަނޑުވެސް ދާނީ އެގޮތަށް. ހަމަ އޮންނަ އުސޫލުގެ ތެރެއިން ކުރިމަތިލައިގެން އެމީހެއްގެ ސީވީއަށް ބެލުމަށް ފަހު ނޫނީ ދެން އެެއްވެސް އެސްއޯއީއަކަށްވެސް މިނިސްޓްރީއަކަށް ވެސް މުވައްޒަފުންނެއް ނުނެގޭނެ،" ކަމަށެވެ. މީގެ އިތުރުން ނުގަވާއިދުން މީހަކަށް ވަޒީފާ ދީފައިވާނަމަ އެމީހަކު ވަކިކުރުމަށްވެސް މިހާރު އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް 'އަދަދު' ނޫހުން މި ވާހަކަތައް ރިޕޯޓުކޮށްފައިވަނީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމަށް ސަރުކާރުން ވަޒީފާ ދީފައިވާނެ ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. މިކަމާ ގުޅިގެން ތަރުޖަމާނު މުންދު ވިދާޅުވީ އެ ޚަބަރަކީ ރައީސް ދެއްވި ޖަވާބުގެ ރޫހާއި މަގުސަދާ މުޅިން ހިލާފަށް، މާނަ އޮޅުވާލައިގެން ލިޔެފައިވާ ލިޔުމެއް ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވީ، ވަކި މަގުސަދެއް ހާސިލުކުރުމަށް ލިޔެވޭ މިފަދަ "އަން-އެތިކަލް އަދި އަން-ޕްރޮފެޝަނަލް" ލިޔުންތަކާ ގުޅިގެން ހަގީގަތް ސާފުކޮށްދެމުން ގެންދާނެ ކަމަށެވެ. ސަރުކާރުން ވަނީ މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން ތެދު މައުލޫމާތު ފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.


