Tuesday, 28 July 2026
ފިނޭންސް މިނިސްޓްރީ---ފޮޓޯ:އެމްއެފްއާރްއެމްވީ

އެސްއޯއީ ތަކުން ވަކިވާ މުވައްޒަފުންނަށް ވަޒީފާގެ ބާޒާރަށް ނިކުމެ އިޤްތިސޯދުގައި ބައިވެރިވުމަށް ލުއިލޯނު ދޫކުރެވޭނެ: މާލީ ވަޒީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ވަކިވާ މުއައްޒަފުންނަށް އާމްދަނީ ހޯދައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމުމާ ގުޅިގެން އަޅާ ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ކުންފުނިތަކުން ވަކިވާ މުއައްޒަފުންނަށް އިޤްތިސޯދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ވަޒީފާއިން ވަކިވާ ފަރާތްތަކަށް އަމިއްލަ މަސައްކަތް ފެށުމަށް ނުވަތަ ވިޔަފާރި ކުރުމަށް ލުއި ލޯނު ދޫކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ކުންފުނިތައް ޑައުންސައިޒް ކުރަމުންދާއިރު، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޚާއްސަ ދާއިރާތަކުން ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ލަފާ ދެއްވާފައެވެ. "އެކި ދާއިރާތަކަށް ޚާއްސަކޮށް މިހާރުވެސް 250 މިލިއަން ރުފިޔާ ރިލީޒްކުރެވިދާނެ،" ވަޒީރު ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާއެކު މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިތުރު 450 މިލިއަން ރުފިޔާ ހަމަޖެހިގެންދާނެ ކަމަށާއި، އެ ފައިސާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ދޫކޮށް އިޤްތިސޯދުގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ މައިގަނޑު މަގްސަދަކީ އިޤްތިސޯދުގެ ސޯބު ނުހުއްޓި ކުރިއަށް ގެންދިއުމެވެ.

ސަރުކާރުގެ އަމާޒަކީ ޕްރައިވެޓް ސެކްޓަރގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމެވެ. ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކުވެސް، އާންމު ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ދޮރުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *