މެޓް އޮފީހުން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:52 ހާއިރެވެ. މިއީ ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމެކެވެ. މި ބިންހެލުން އައި ސަރަހައްދަކީ މާލެއާއި ގާތްގަނޑަކަށް 7,955 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
ބިންހެލުން އައި ޖަޕާނުގެ ހޮންޝޫ އައިލެންޑަކީ ޕެސިފިކް ކަނޑާއި ޖަޕާން ކަނޑާ ދެމެދުގައި އޮންނަ، ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު ރަށެވެ. މި ބާރުގަދަ ބިންހެލުމާ ގުޅިގެން ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ވެސް ނެރެފައެވެ.
ރާއްޖެއާ ދުރު ސަރަހައްދުތަކަށް އަންނަ މިފަދަ ބިންހެލުންތަކުގެ މައުލޫމާތު މެޓް އޮފީހުން އަންނަނީ ގާތުން ބަލަމުންނެވެ. އެގޮތުން މި މަހުގެ ހަތަރުވަނަ ދުވަހު ވެސް އައްޑޫ ސިޓީއާ 2,553 ކިލޯމީޓަރު ދުރަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.


