Tuesday, 28 July 2026
މިއަދު ހެނދުނުގެ ވަގުތެއްގައި ލ. އަތޮޅު ކަނޑުގެ ސަރަހައްދު މަތިން، ފެނުނު އެއްޗެހި -- ފޮޓޯ: މީސް މީޑިއާ

ރާއްޖޭގެ އުޑުމަތިން އަނދަމުންދިޔަ އެއްޗަކަށް ސަމާލުކަން ހުއްޓިއްޖެ

ރާއްޖޭގެ އުޑުމަތިން އަނދަމުންދާ އެއްޗެއް ވަރަށް ބާރަށް ވައިގެ ތެރެއަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައި، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. މި މަންޒަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ފެނިފައިވާއިރު، ޚާއްޞަކޮށް ދ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މި މަންޒަރު ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އުޑުމަތިން ފެނުނު މި މަންޒަރާ ގުޅިގެން އާންމުންގެ މެދުގައި ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުން އެއީ މިސައިލެއް ކަމަށް ބުނަމުންދާއިރު، އަނެއް ބަޔަކު ދެކެނީ އެއީ މީޓެރޮއިޑެއް ނުވަތަ ގިލަފައްޗެއް ކަމަށެވެ. ނަމަވެސް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވީ، އެއީ މޫސުމީ ކަމެއް ނޫން ކަމަށާއި، އަދި އެއީ މީޓެރޮއިޑެއް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން، އެއީ މިސައިލެއް ނޫންކަން ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ.

ސެޓެލައިޓެއްގެ ބައިތަކަކަށް ވުމުގެ ފުރުސަތު ބޮޑު

ބެލެވޭ ގޮތުގައި ރާއްޖޭގެ އުޑުމަތިން ފެނިގެން މިއުޅެނީ ޖައްވަށް ފޮނުވި ސެޓެލައިޓެއްގެ ބައިތަކެކެވެ. ބިލިއަނަރު ޖެފް ބޭޒޯސްގެ ޖައްވީ ކުންފުނި، ބްލޫ އޮރިޖިންއިން އެ ކުންފުނީގެ ’ނިއު ގްލެން' ރޮކެޓް ބޭނުންކޮށްގެން ސެޓެލައިޓް ފޮނުވުމުގެ މިޝަނެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫއުގައި ރޮކެޓުގެ ބޫސްޓަރު ކާމިޔާބުކަމާއެކު އަނބުރާ ބިމަށް ގެނެވުނު ނަމަވެސް، ރޮކެޓުގައި ފޮނުވި ސެޓެލައިޓް ނުބައި އޯބިޓަކަށް ދޫކޮށްލެވުމުގެ ސަބަބުން ވަނީ ބިމަށް ވެއްޓިފައެވެ.

ފްލޮރިޑާގެ ކޭޕް ކެނަވެރަލްއިން 'ނިއު ގްލެން' ރޮކެޓް އުދުއްސާލީ ރާއްޖެ ގަޑިން އިއްޔެ ހަވީރު 4:25 ގައެވެ. އެހެންކަމުން، ނުބައި އޯބިޓަށް ދޫކޮށްލެވުމުގެ ސަބަބުން ދުނިޔޭގެ ޖައްވަށް ވަދެ އަނދަމުންދިޔަ އެ ސެޓެލައިޓްގެ ބައިތައް ރާއްޖޭގެ ސަރަހައްދަށް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ލަފާކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *