Tuesday, 28 July 2026
އޮއިލް ޓޭންކަރ----ފޮޓޯ:ޕީއެސްއެމް

ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުންތަކެއް އައިސްފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި މި މަހުގެ ތެރޭގައިވެސް ތެލުގެ ތިން ޝިޕްމެންޓެއް ރާއްޖެއަށް ލިބޭނެ ކަމަށެވެ.

ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ 18 ވަނަ ދުވަހު 18,000 މެޓްރިކްޓަނުގެ ޑީސަލާއި 5,400 މެޓްރިކްޓަނުގެ ޕެޓްރޯލް ޝިޕްމެންޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ އިތުރުން، މި މަހުގެ 24 ވަނަ ދުވަހު 25,400 މެޓްރިކްޓަނުގެ ޑީސަލް ޝިޕްމެންޓެއް އަދި 28 ވަނަ ދުވަހު 28,000 މެޓްރިކްޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް ލިބޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ތެޔޮ ލިބުމުގެ ޔަގީންކަން އޮތް ނަމަވެސް، ތެލުގެ އަގަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމުން އެއީ ސަރުކާރުގެ ކޮންޓްރޯލް އޮތް ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ ތެޔޮ ވީހާވެސް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. އެގޮތުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މުދަލުގެ އަގުތައް ހިފެހެއްޓުމަށްޓަކައި މާލީ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ދޫކުރާ މިންވަރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅެކެވެ.

"އެހެންވީމާ ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް. ތެޔޮ ސްޓޮކްކުރުމަށްޓަކައި ކުރިންވެސް ދެންނެވިހެން މެދުތެރެއިން އާައްމުކޮށް އޮމާނުން ގަންނަމުން އައި ކަމުގައިވިޔަސް ސިންގަޕޫރުންވެސް ހުންނާނީ ޝިޕްމެންޓުތައް ގެނެސްފައި. ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ނެތި ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ހަމަޖައްސާފައި،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *