މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ބަންދުކޮށްފައެވެ. އެއީ:
- ކަސްތޫރިމާގެ / ޅ. ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ)
- މޫންލައިޓްވިލާ / އައްޑޫ މީދޫ، މުޙައްމަދު އަފްރާޙް (40އ)
- ދާރުލް އައްވަލް / ރ. މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ)
- މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ)
މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު (47އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ މި ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި ފަސްވަނަ މީހާއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނިގޮތުގައި، ނަލަހިޔާގެ ފުލެޓަކުން ވަގަށް ނެގި ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ ބައިލައްކަ ރުފިޔާއެވެ. މި ބޮޑު ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރުއެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.


