ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ މިއަދު ހަވާލުކޮށްފިއެވެ. މި ކިނބޫ ފެނިފައިވަނީ އެ އަތޮޅު ފަޅުރަށެއް ކަމަށްވާ ދިއްދޫއަށް ދިޔަ ބަޔަކަށެވެ.
ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި އެ ރަށަށް ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ. ކިނބޫ ފެނުމާއެކު އެމީހުން ވަނީ އެ ސޮރު ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.
މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރކްރާފްޓްގައި ނައިފަރަށް ގޮސްފައެވެ. އަދި އެ ކިނބުލާ ހަވާލުވުމަށްފަހު، މިހާރު ވަނީ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.


