Tuesday, 28 July 2026

އިންތިހާބުގެ ފުރަތަމަ ދެ ގަޑިއިރު ތެރޭ 20 އިންސައްތަ މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ފާއިތުވި ފުރަތަމަ ދެ ގަޑިއިރު ތެރޭގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 20.89 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހެނދުނު 8:00 ގައި ފެށި ވޯޓުލުމުގައި 10:00 އާ ހަމައަށް ޖުމްލަ 1،273 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 543 އަންހެނުންނާއި 730 ފިރިހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އަދި ވޯޓު ނުލާ 4،820 މީހުން އެބަތިއްބެވެ.

މިއަދު އިންތިހާބު ކުރިއަށްދަނީ ފަސް ދާއިރާއެއްގައި ފަސް މަގާމަކަށް މީހުން އިންތިހާބު ކުރުމަށެވެ. އެއީ:

  • ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރު
  • ބ. ދޮންފަނު ކައުންސިލް މެންބަރު
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ
  • ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

މި ދާއިރާތަކުގައި ދެވަނަ ބުރެއް ބާއްވަން ޖެހުނީ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ. މި އިންތިހާބަށް ޖުމްލަ 6،172 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި ބުރުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން ކެލާ، މާވަށު އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ކޮންމެ ރަށެއްގައި ދެ ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ކޮންމެ ރަށެއްގައި އެއް ފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހަ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދަނީ ތާޖުއްދީން ސްކޫލު (ކެލާ އަދި ދޮންފަނު)، ހިރިޔާ ސްކޫލު (ނޭކުރެންދޫ އަދި މާވަށު) އަދި ދަރުމަވަންތަ ސްކޫލު (ފުވައްމުލަކު ދަޑިމަގު) ގައެވެ. މި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 6،093 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *