އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައެއްގައި މީގެކުރިން ފުލުހުން ހައްޔަރުކުރި ގ. ބެރުގޭ، މުހައްމަދު ނަވީން، ފޭރުމުގެ އައު މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ނަވީންއަކީ ފޭރުމާއި ވައްކަމުގެ ގިނަ ރެކޯޑްތަކެއް އޮންނަ މީހެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު، އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ބިދޭސީން އުޅޭ ގެޔަކަށް ވަދެ، އެ ތަނުގައި ހުރި ބަނގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000 ރުފިޔާ ފޭރުނު މައްސަލައެއްގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރިއެވެ.
މީގެ އިތުރުން، މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނެގި މައްސަލައެއްގައި ވެސް އޭނާ މީގެކުރިން 15 ދުވަހަށް ބަންދުކޮށްފައިވެއެވެ. ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިއަހަރުގެ މޭ މަހު ވެސް މިފަދަ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައިވެއެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، ނަވީންއަކީ ކުށުގެ ރެކޯޑް ގިނަ އަދި ތަކުރާރުކޮށް ބަންދުކުރަން ޖެހިފައިވާ މީހެކެވެ.


