ހދ. ކުޅުދުއްފުށި ސިޓީގައި ހުރި ދިގު ރުކަކުން ވެއްޓި، 38 އަހަރުގެ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އޭނާ ރުކުން ވެއްޓުނީ މަސައްކަތުގައި އުޅެނިކޮށް ކަމަށްވާއިރު، ވެއްޓުނު ވަގުތު އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
ރުކުން ވެއްޓުނު މީހާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށާއި، މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.


