ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އެޖެންސީން ބުނީ މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހާއްސަކޮށް އެޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، ކުންފުނިތަކުގެ އިތުރުން ޖަމިއްޔާތަކާއި ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.
މިގޮތުން ސިއްހީ މަރުކަޒުތަކުން ބަލީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމަށާއި، ކައުންސިލްތަކުން ރަށް ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ސްކޫލްތަކާއި، ރިސޯޓްތަކާއި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހަފްތާއަކު އެއްފަހަރު މަދިރި އާލާވާ ތަންތަން ބަލައި ފާސްކޮށް، އެފަދަ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އާންމު ފަރުދުންވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ސާފުކުރުމަށް ވަނީ އަންގާފައެވެ. "މަދިރި ހެފުމުން ރައްކާތެރިވުމާއި ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިއްމު،" އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މީޑިއާތަކުންވެސް ކަމާބެހޭ އިދާރާތަކުން ހިއްސާކުރާ މައުލޫމާތު ފެތުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. އެޗްޕީއޭއިން ބުނީ ޑެންގީ ކޮންޓްރޯލްކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.


