ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލި ނަމަވެސް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެއްވެސް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަތޮޅު ކައުންސިލްތަކާއި ސިޓީސް މިނިސްޓްރީ އުވާލުމުން އިދާރީ ދާއިރާތައް ހިންގުމުގައި ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި، ލާމަޒުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެލްޖީއޭގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ލާމަޒުކަޒީ ގާނޫނަށް ގެނައި 17 ވަނަ އިސްލާހަށް އަލިއަޅުވާލަމުން އެލްޖީއޭ އިން ފާހަގަކުރީ، އަތޮޅު ކައުންސިލްތައް އުވާލުމާއެކު އެ ތަންތަނުގެ މުދަލާއި ވަސީލަތްތައް މިހާރު ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކުރެވިފައި ކަމަށެވެ. އަދި އެ އިސްލާހުގެ ދަށުން އަތޮޅުތަކުގައި އެލްޖީއޭގެ އޮފީސްތައް ގާއިމުކުރުމުގެ އިހުތިޔާރު ލިބިފައިވާތީ، މިނިސްޓްރީ އުވާލުމަކުން މަސައްކަތްތަކަށް ބުރޫ ނާރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޓީސް މިނިސްޓްރީ އުފެއްދުމުގެ ކުރިން، އެލްޖީއޭއާ ގުޅޭ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވަމުން އައީ ހޯމް މިނިސްޓަރެވެ. ނަމަވެސް މި ސަރުކާރުން ސިޓީސް މިނިސްޓްރީ އުފެއްދުމަށްފަހު އެ މަސްއޫލިއްޔަތު އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ.
އެލްޖީއޭގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.


