ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނަމުގައި ހިންގަމުން އައި މި ވުޒާރާގެ ނަން، މިހާރު ވަނީ "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ" ނުވަތަ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނަމަށް ބަދަލުކުރައްވާފައެވެ. މި ވުޒާރާގެ ވަޒީރަކަށް ރައީސުލްޖުމްހޫރިއްޔާ އަލުން އައްޔަންކުރެއްވީ ކުރިންވެސް އެ މަގާމުގައި ހުންނެވި ޢަލީ އިޙްސާންއެވެ.
ވުޒާރާގެ ދަށަށް ބަދަލުވި އިދާރާތައް
މި ބަދަލާއެކު ދާޚިލީ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާނެ އިދާރާތަކަކީ:
1. މޯލްޑިވްސް އިމިގްރޭޝަން
2. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
3. ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
4. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
5. ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ
6. ލޭބަރ ރިލޭޝަންސް އޮތޯރިޓީ
7. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
8. މޯލްޑިވްސް ޑިޖިޓަލް ސަރވިސް
9. ނޭޝަނަލް ކެރިއަރސް ސަރވިސް
މި އިދާރާތަކުގެ ތެރެއިން ނޭޝަނަލް ކެރިއަރސް ސަރވިސް އަކީ މީގެ ކުރިން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާގެ ދަށުން ހިންގަމުން އައި އިދާރާއެކެވެ. ނަމަވެސް، އާ އޮނިގަނޑުގެ ދަށުން އެ އިދާރާގެ މަސައްކަތްތައް މިހާރު ވަނީ ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވިފައެވެ.


