Tuesday, 28 July 2026
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރަކަށް ހަސަން ރަޝީދު، އާ ތަރުޖަމާނަކަށް މުންދު އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފިއެވެ.

މި ބަދަލަކީ ސަރުކާރު ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ރައީސް ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން ގެނައި ބަދަލެކެވެ. މި ބަދަލާ އެކު ކުރިން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ގައްސާން މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ކެބިނެޓުގެ 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސް މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވާ، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރެއްވުމަށް އާ ވަޒީރުން އައްޔަންކުރައްވާފައެވެ. ޑިފެންސް މިނިސްޓަރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާގައި ހަސަން ރަޝީދަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތް ހަސަން ރަޝީދަކީ މީގެ ކުރިންވެސް ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުގައި މީގެ ކުރިން އޭނާ ހުންނެވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން، 2018 ވަނަ އަހަރު މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތްގެ މަގާމާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މީގެ އިތުރުން، ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި، މުހައްމަދު ހުސައިން ޝަރީފް (މުންދު) ރޭ ވަނީ އައްޔަންކުރައްވާފައެވެ. މުންދު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތައް ފުރުއްވާފައެވެ. އެގޮތުން އޭނާ އެންމެ ފަހުން ހުންނެވީ ރާއްޖޭން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑއަޅުއްވާފައި ހުންނަވާ ސަފީރަކަށެވެ.

މުންދުއަކީ މީގެ ކުރިންވެސް ތަރުޖަމާނުކަމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ 2005 އިން 2007 އަށް ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން އަދި 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު ފުރުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *