"މޯލްޑިވްސް 2.0″ މަގުޗާޓު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައިސީޓީ އެކޯސިސްޓަމް ތަރައްޤީކުރުމާ ގުޅޭގޮތުން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ މައިންޑްކޯ، އިކޮނޮމިކް މިނިސްޓްރީ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ފާހަގަކުރެއްވި ގޮތުގައި، ތަރައްޤީގެ މަޝްރޫއުތަކުގެ ހަޤީޤީ މަންފާ ލިބޭނީ އެކަމުގެ ފައިދާ އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދީގެންނެވެ. އަދި އަމިއްލަ ދާއިރާއަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އީޖާދީ އައު ވިސްނުންތަކާއި އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކޯ-ކްރިއޭޓިންގް ޕިލަރ – 8- ޕްރައިވެޓް ސެކްޓަރ ޑައިލޯގް" ގެ ނަމުގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަގުޗާޓު ތަންފީޒުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. މީގެ އިތުރުން، މި މަޝްވަރާތަކުގެ އަލީގައި މަގުޗާޓުގައި ހިމެނޭ ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޕްރައިވެޓް ސެކްޓަރގެ ދައުރު ފުޅާކުރުމަށް އެހީތެރިވެދޭނެއެވެ.
މޯލްޑިވްސް 2.0 ގެ އަށްވަނަ ތަނބު ބިނާވެފައިވަނީ ޑިޖިޓަލް އީޖާދުތަކާއި، ފަންނީ ވިޔަފާރިވެރިކަމުގެ މައްޗަށެވެ. މި މަސައްކަތުގެ ތެރެއިން ވަރުގަދަ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ.


