Tuesday, 28 July 2026
ފޮޓޯ: ސިއްހީ އިދާރީ ދާއިރާތައް ހިންގުމާއިއާންމުމަސައްކަތްތަކާ ބެހޭ ވުޒާރާ އެފްބީޕޭޖު

ސިޓީތަކާ ބެހޭ ވުޒާރާ އުވާލައިފި

ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް އިއްޔެ ގެންނެވި ބޮޑެތި ބަދަލުތަކާ އެކު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލައިފިއެވެ.

މި ބަދަލުތަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 10 ބޭފުޅަކު އިއްޔެ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އިސްތިއުފާދެއްވި ބޭފުޅުންގެ ތެރޭގައި ސިޓީތަކާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު ވެސް ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރުގެ އޮނިގަނޑަށް ގެނައި މި ބަދަލާއެކު، ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 އަށް ކުޑަކޮށްފައެވެ. މިއީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ސިޓީތަކާ ބެހޭ ވުޒާރާ އުވާލުމަށްފަހު، އެ މިނިސްޓްރީން ކުރަމުންދިޔަ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ކުރިއެކޭ އެއްގޮތަށް ސިޓީތަކާ ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ދެން ކުރިއަށްދާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބެލުމުގެ ދަށުންނެވެ. މި ބަދަލާއެކު ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް އިތުރަށް ތަރުތީބުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *