Tuesday, 28 July 2026
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް -- ފޮޓޯ: މަޖިލިސް

ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވޯޓަށް ބަލައިގެން ނޫން: މިނިސްޓަރު މުއްޠަލިބް

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި، ރައްޔިތުން ދޭ ވޯޓަކަށް ނުވަތަ އިންތިޚާބުތަކުގެ ނަތީޖާއަށް ނުބަލާނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގައިވެސް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. ވަކި ރަށެއްގެ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމަކީ މަޝްރޫއުތައް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިސާލެއްގެ ގޮތުން ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ރަށުގެ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމުން މަސައްކަތް ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، މިހާރުވެސް އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން، މާލޭގެ ބޭރު މަގު ހެދުމާއި އައު މާރުކޭޓުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭތީ ދަތިތަކާ ކުރިމަތިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކުރާ މަސައްކަތުގައި ކައުންސިލްތަކުން އެ ފުރުސަތު ފަހިކޮށްދީ، ޒިންމާ އަދާކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *