Tuesday, 28 July 2026
ފޮޓޯ: އިލެކްޝަން ކޮމިޝަން

އިންތިޚާބުގެ ދެވަނަ ބުރުގައި 6093 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ: އީސީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި، 6093 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި ވޯޓުލުމަށް އެ ވޯޓުފޮށިތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ސޮއިކުރުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސް ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *