މި މަޝްރޫޢުގެ ދަށުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ކުރީ ސަރުކާރުން މި މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ނިންމިފައިވަނީ އެންމެ 54 ހެކްޓަރުގެ މަސައްކަތެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތް މަޑުޖެހިފައި އޮތުމުން، އެމްއޭސީއެލްއާ ހަވާލުކޮށްގެން ބާކީ ހުރި 97 ހެކްޓަރު ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރު ދުވެލީގައި ކުރިއަށެވެ.
ގޯތީގެ ރެޖިސްޓްރީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ރެޖިސްޓްރީ ހަދައިދެވޭނީ ހިކިފަސް ބިމަށް ކަމަށެވެ.
"ހިއްކާފައި ނެތް ތަނެއްގައި ރެޖިސްޓްރީގެ ގޮތުގައެއް ނުހެދޭނެ. ބިން ހިއްކާ ނިމެންވާއިރަށް، އެތަނުގެ ރެޖިސްޓްރީއާއި ގުޅޭ މަސައްކަތް މިހާރު މިދަނީ ކުރަމުން. ރެޖިސްޓްރީ ދޭނީ ހިއްކާ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭނުގައި 5,000 ގޯތި ދޫކުރަން އޮތް ނަމަވެސް، އެ އަދަދަށް ބިން ނެތުމުގެ ސަބަބުން 1,114 ގޯތި ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. މިހާރު އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޕްލޮޓްތައް ކަނޑައަޅައި، ގޯތީގެ ވެރިންނަށް ލިބޭނެ ސަރަޙައްދުތަކާއި ޕްލޮޓް ނަންބަރުތައް ވަނީ ކަނޑައަޅާ ނިންމާފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ސަރުކާރުން ދޭ އިސްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ދާދިފަހުން ގިރާވަރު ފަޅަށް ޒިޔާރަތްކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ.


