ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ރޭ އިއުލާން ކުރައްވައިފިއެވެ. ސިނާން މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިނާންގެ ޕޯސްޓުގައި ވަނީ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާއި އިހުލާސްތެރި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރީ، ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ނުދައްކާ އޮތުމާ ގުޅިގެންނެވެ.
މި މައްސަލައަކީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހުށަހެޅުނު މައްސަލައެކެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، އަހުމަދު ސައީދު (ނަޔާ) އާއި މުހައްމަދު އަލީ ވެސް ވަނީ މި އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.


