އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި މި ގަރާރުގައި ސަރުކާރުން އިސްލާހު ކުރަންޖެހޭ މުހިންމު 10 ކަމެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މުސްތަގިއްލު މުއައްސަސާތަކުގެ ބާރުތައް އިއާދަކުރުމާއި، ކޮރަޕްޝަން ހުއްޓުވުމާއި، ދައުލަތުގެ ހަރަދުތައް ކުޑަކުރުން ހިމެނެއެވެ.
އެމްޑީޕީގެ ގަރާރުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ދިނުމާއި، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުން ހުއްޓާލުމާއި، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ބާތިލްކުރުން ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށާއި، މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމަށާއި، ތިމާވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހުއްޓާލައި އީޕީއޭ އަށް ބާރުތައް ދިނުމަށް ވެސް ގަރާރުގައި ބާލާފައިވެއެވެ. އަދި ގާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ކޮމިޓީއެއްގެ މަޝްވަރާއާއެކު ކަމަށް އެމްޑީޕީން ބުނެއެވެ.
"މި ކަންކަން އިސްލާހު ކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި، ދިވެހި ރައްޔިތުންގެ ހައްގުގައި އިހުތިޖާޖު ފެށުމަށް މި ޕާޓީން ނިންމި ވާހަކަ ހާމަކުރަން،" މީކާއިލް ވިދާޅުވިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި މި ގަރާރަކީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ފާސްކުރި ގަރާރެކެވެ. މި ގަރާރާއެކު އެ ޕާޓީން ވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ސިލްސިލާ ހަރަކާތްތަކެއް ފަށާފައެވެ.


