ސަރުކާރުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި، މުހިންމު ތިން މިނިސްޓަރަކު މަގާމުން ވަކިކުރައްވައިފިއެވެ. މަގާމުން ވަކިކުރެއްވި ވަޒީރުންގެ ތެރޭގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިޚާބުތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
ނަމަވެސް މި ބަދަލު ގެނައި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުން ވަނީ މި ފަހުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ވެސް ވަނީ މި މަހުގެ ހަ ވަނަ ދުވަހު މަގާމުން ވަކިކުރައްވާފައެވެ.


