Tuesday, 28 July 2026
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް މާލެ ސަރަހައްދުގައި ހިންގި ޚާއްސަ ހަރަކާތްތަކެއްގެ ތެރެއިން -- ފޮޓޯ: ޖެންޑަރ މިނިސްޓްރީ

ކުދިން ފޮސްޓާ ކުރާ ބެލެނިވެރިންނަށް ޗުއްޓީއެއް ލިބޭ ގޮތް ހަދައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ފޮސްޓާ ނިޒާމުގެ ތެރެއިން ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އުމުރުން ހަ މަސް ނުވާ ކުދިންނާއި ހަ މަހަށްވުރެ ބޮޑެތި ކުދިންނާ ހަވާލުވެ ބަލަހައްޓާ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.

ސީއެސްސީއިން އިއްޔެ ވަނީ މި ގޮތަށް ނިންމައި, ދިވެހި ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް, ގެޒެޓް ކޮށްފައެވެ.

އާ ގަވާއިދު ބުނާ ގޮތުން، މި ޚާއްސަ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ ފޮސްޓާ އުސޫލުން ކުދިންނާ ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިންނާ ހަވާލުވާ މުވައްޒަފުންނަށެވެ.

ގަވާއިދުގައި އިތުރަށް އޮތީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން ހަ މަސް ހަމަވާ ދުވަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތް ލިބޭގޮތަށް ޗުއްޓީއެއް ލިބޭނެ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ފުރިފައިވާ ނަމަ ނުވަތަ ހަ މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް އެ ބެލެނިވެރިޔާއަށް ލިބޭނެ އެވެ.

މި ބަދަލަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އަދި ފޮސްޓާ ނިޒާމުގެ ތެރެއިން ކުދިންނާ ހަވާލުވާން ބޭނުންވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މާލީ ގޮތުންނާއި ވަޒީފާގެ ގޮތުން ލިބޭ ވަރަށް ބޮޑު ލުޔަކަށް މިކަން ވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *