Tuesday, 28 July 2026
ސީލައިފްގެ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު -- ފޮޓޯ: ދައުރު

އިސްތިއުނާފު މަރުހަލާ ނިމެންދެން އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، މަކަރާއި ޙީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ސީލައިފްގެ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ)ގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ)އިން ރޭ ބުނީ އައްމަޓީއަށް ކުރާ ހިޔާނާތުގެ ދައުވާތަކުގެ އިސްތިއުނާފީ މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް މިއަދު ހައިކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މާރިޗު 13، 2014 ގައެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެޕާޓްމަންޓްތައް ވިއްކާނެކަމަށް ބުނެ 280 އަށްވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ މަގުން، ޖުމްލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައިވެއެވެ.

އެ މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާޠިލުކޮށްފައެވެ. އަދި އެ މައްސަލައިގައި އައްމަޓީއަށް ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވެއެވެ. އައްމަޓީގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގައެވެ.

އައްމަޓީގެ މައްޗަށް ކުރި ހުކުމުގައި ވަނީ، އެ ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި، އައްމަޓީގެ އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

އެހެންވެ، އެ މައްސަލައިގެ ޖަލު ހުކުމުން އަންމަޓީ ވަނީ ސަލާމަތްވެފައެވެ.

ޕީޖީ އޮފީހުން ރޭ ބުނި ގޮތުގައި، ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ހައިކޯޓަށް ވަނީ ހުށަހަޅައިފަމެވެ. އެގޮތުން އެ އޮފީހުން އެދިފައިވަނީ މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި މިއީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދައުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި އަދި ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަންމަޓީ ރާއްޖޭން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ހައިކޯޓަށް ހުށަހެޅުމުން، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް އިއްޔެ ނެރުއްވާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *