Tuesday, 28 July 2026
ދެވަނަ ފިޔަވަހީގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޝްވަރާކުރުން----ފޮޓޯ:ސްޓެލްކޯ އެކްސް ޕޯސްޓް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ ހަރުދަނާކުރުމަށް އެޗްޑީސީއާއި ސްޓެލްކޯއިން މަޝްވަރާކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ރައްޔިތުންނަށް ދިމާވި ދަތިތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

އިއްޔެ ދިމާވި މައްސަލައިގައި ހިޔާ ޓަވަރުތަކާއި ވިނަރެސް ޓަވަރުތައް ހިމެނޭހެން ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަރަށް ގިނައިރު ވަންދެން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވެއެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި މައްސަލަ ދިމާވީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިން ވަނީ ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި، ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެޗްޑީސީއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދެވަނަ ފިޔަވަހީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ’ސްކާޑާ' (SCADA) ސިސްޓަމްގެ މަސައްކަތް އަވަސް ކުރުމަށް ވަނީ ނިންމާފައެވެ. ސްޓެލްކޯއިން ވިދާޅުވީ މި ސިސްޓަމް ޤާއިމުކުރުމުން ކަރަންޓު ނެޓްވޯކަށް ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެ، އެކަންކަން ޙައްލު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އިއްޔެ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށާއި، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް ވީހާވެސް އަވަހަކަށް 'އެނަޖައިޒް' ކޮށް ބޭނުންކުރަން ފެށުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. "އެ ކޭބަލްތައް އެނަޖައިޒް ކުރެވިއްޖެނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ،" ސްޓެލްކޯއިން ވިދާޅުވިއެވެ.

މި މަސައްކަތްތަކަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ އަދި އިތުބާރު ހުރި ޙައްލެއް ހޯދުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ދެ މުއައްސަސާއިންވެސް ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *