Tuesday, 28 July 2026
ޗާގޯސް ---ފޮޓޯ:ސަން

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން، އިނގިރޭސިވިލާތުގެ ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް މަޑުޖައްސާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ދެކޮޅު ހައްދަވައި ފާޑުވިދާޅުވުމާ ގުޅިގެންނެވެ. އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ އެޖެންޑާއިން މިކަމާ ގުޅޭ ބިލު މިހާރު ވަނީ އުނިކޮށްފައެވެ.

ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދުމަށް ކުރެވޭ މަޝްވަރާތަކަށް ލިބުނު އާ ފުރުސަތެއް ކަމަށެވެ. ފޯޅަވައްސަކީ ތާރީޚީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ރާއްޖެއާ މާ ބޮޑަށް ގާތް ތަނެއްކަން ސަރުކާރުން ފާހަގަކުރެއެވެ. އެގޮތުން މޮރިޝަސްއާ 1,300 މޭލު ދުރުގައި ފޯޅަވަހި އޮތް ނަމަވެސް، ރާއްޖެއާ އެ ސަރަހައްދާ ދެމެދު ހުރީ އެންމެ 310 މޭލެވެ.

ފޯޅަވަހީގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ސާބިތުކޮށްދޭ ތާރީޚީ ހެކިތަކެއްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި 16 ވަނަ ގަރުނުގެ ރަސްކަލެއްގެ ފަތްކޮޅާއި، އެ ރަށްތަކުން ފެނިފައިވާ ދިވެހިބަހުން ލިޔެފައިވާ މަހާނަގާތައް ހިމެނެއެވެ. މީގެ އިތުރުން، އެ ރަށްތަކުގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭ އިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލުގެ ހިއްސާ އޮތްކަން ހާމަވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ ބައިނަލްއަގުވާމީ މައްސަލައެއް ނަމަވެސް، އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާތީ ދިވެހި ސަރުކާރުން ދަނީ މިކަމުގައި ރާއްޖޭގެ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތު ކުރަމުންނެވެ. ކުރީގެ ސަރުކާރުން މި މައްސަލައިގައި ގެންގުޅުނު ސިޔާސަތުތަކާ މެދު މިހާރުގެ ސަރުކާރުން ދަނީ އަލުން މުރާޖައާ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *