ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އާންމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެންބަރު މުހައްމަދު އިބްރާހިމް ސުވާލު ކުރައްވާފައިވަނީ ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ހުރި ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނެވި ލަސްވަމުންދާ ސަބަބާ ގުޅޭގޮތުންނެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ލޭ ހަދިޔާކުރާ މީހުންގެ ރަޖިސްޓްރީ މިހާރު ބަލަހައްޓަމުންދާ މެނުއަލް ސިސްޓަމް އޮންލައިން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޭ ހަދިޔާކުރާ މީހުން ރަޖިސްޓްރީވުމަށާއި ލޭ ހޯދުމަށް ފަސޭހަވާނެހެން ޑޯނާ ރަޖިސްޓްރީ އާއި ޑޯނާ ރެކްރޫޓްމެންޓު ޕޯޓަލް އެއް މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފެށޭނެއެވެ. މީގެ އިތުރުން މި ހިދުމަތަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.
މި ނިޒާމު ގާއިމްވުމުން ޖަމްއިއްޔާތަކާއި، ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށްވެސް ލޭގެ ގްރޫޕާއެކު ރަޖިސްޓްރީ ވެވޭނެއެވެ.
"މި ހިދުމަތް ޒަމާނީ ކުރުމުން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އިންތިޒާމުކޮށް، ލޭގެ ގްރޫޕުތައް ހުރި ސަރަހައްދުތައް މެޕް ކުރެވި، ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ވަށާޖެހޭ ހައްލެއް ހޯދޭނެ،" މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރައްވާފައިވެއެވެ.
ސިއްހީ ދާއިރާގެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މިހާރު ބްލަޑް ބޭންކު ގާއިމްކޮށް ނިމިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުތައް ގާއިމްކޮށް، ލޭ އެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ތެލެސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުން ފެށިގެން 'ވަންގަވް' މެދުވެރިކޮށް ކުރިއަށްދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ހުރިހާ ބަދަލުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ 'ނެޝަނަލް ބްލަޑް ސްޓޭންޑާޑު' އާ އެއްގޮތަށް ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.


