Tuesday, 28 July 2026
ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އީ-ފާސް މެދުވެރިކޮށް ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސައިފި

އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރު ދެވޭނެ އިންތިޒާމު ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސައިފިއެވެ. މި އައު ނިޒާމުގެ ސަބަބުން ބޭސް ސިޓީތަކަށް އޯޑަރު ދިނުމާއި ބޭސް ހޯދުމުގެ މަރުހަލާ ރައްޔިތުންނަށް އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އެމްއެމްޓީވީގެ ޕްރޮގްރާމުގައި ވިދާޅުވީ، މި ޕްލެޓްފޯމް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން، އޯޑަރު ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެ ކަމަށެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ބަލިމީހުންނަށް ބޭނުންވާ ބޭސް ފަސޭހަކަމާއެކު، އަދި  މުހިންމު ބޭސްތައް ހޯދުމުގައި އާންމުންނަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ސްޓޭޓްފާމާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.

ޑރ. ޝާހް ފާހަގަކުރެއްވި ގޮތުގައި، ސްޓޭޓްފާމާ އިން ތައާރަފްކޮށްފައިވާ މި ދެ ހިދުމަތުން ވެސް ރައްޔިތުންނަށް ބޭހާ ގުޅުންހުރި ގިނަ ކަންތައްތަކުގައި ބޮޑެތި ލުއިތަކެއް ލިބޭނެއެވެ.

މީގެ އިތުރުން، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެކަން ކަށަވަރު ކުރުން ކަމަށް ޝާހް ވިދާޅުވިއެވެ. ސްޓޭޓްފާމާއިން މިހާރު އަންނަނީ ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ޒަމާނީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *