އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު އިޔާދަކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަށްފަހުގައެވެ. މި ބައްދަލުވުމަށްފަހު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، އިބްރޭ އާއި މައުރޫފް މަގާމުން ވަކިކުރުމަށް ފޮނުއްވި ސިޓީ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ގަޕޯގެ ސިޓީއަކުން ކުއްލި ގޮތަކަށް އިބުރޭ އާއި މައުރޫފް މަގާމުން ވަކިކުރުމާ އެކު، ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ 55 މެމްބަރުން ސޮއިކޮށް ހުށަހެޅި އެވެ. އެކަމަކު، ލީޑަޝިޕްގައި މި 2-3 ދުވަހު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އެ މައްސަލަ އަނބުރާ ގެނެސްފައިވާކަން ވެސް ކުރީގެ ވަގުތީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ އެންގެވި ކަމަށް ވެ އެވެ.
އިބުރޭ ވިދާޅުވެފައި ވަނީ ވަގުތީ ޗެއާޕާސަން ގަޕޯ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަަމަށެވެ. އަދި ވިދާޅުވީ ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ގެނައި ބަދަލުތަކާއެކު، ގަޕޯ އާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނބުރާ ގެންގޮސްފައިވާކަން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އިއުލާން ކުރައްވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ނިންމުންތަކަކީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީ ހިންގުމުގެ ކަންކަމުގައި ބައިވެރިކުރުމަށް މަޝްވަރާ ކުރެވި، އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން ނިންމި ނިންމުންތަކެކެވެ. މިއީ އެމްޑީޕީގެ އެތެރޭގެ ރޫހު އާލާކޮށް، ޕާޓީ އެކަތިގަނޑަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މެންބަރުން ދެކެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ވަނީ އެ މަޖިލިހުގެ ގޮނޑިއެއް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ހަމަޖެއްސުމަށްޓަކައި އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ވެސް ފާސްކޮށްފަ އެވެ. އެއީ ކުރީގެ ރައީސުންނަށް ވެސް ގައުމީ މަޖިލިހުން ފުރުސަތު ދިނުމުގެ ގޮތުން ގެންނަ ބަދަލެކެވެ.
ނަޝީދާއި އިބޫއަކީ ވެސް ގައުމީ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި އަސާސީ ގަވާއިދު އިސްލާހު ކުރަން ރޭ ފާސްކުރީ ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގަ އެވެ.


