Tuesday, 28 July 2026
އޭސީސީގެ މެމްބަރުން -- ފޮޓޯ: އޭސީސީ

އޭސީސީން ޒިންމާ އަދާނުކުރާ ކަމަށް ބުނެ އެމްޑީޕީން ބައްދަލުވުމަކަށް އެދިއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އެކަށީގެންވާ މިންވަރާ ގާތަށް ވެސް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެ ކޮމިޝަނާ ބައްދަލުކުރުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު އެދިއްޖެ އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލަށް އެމްޑީޕީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ދިވެހި މުޖުތަމައަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމައަކަށް ހެދުމަށް ވޭތުވެދިޔަ ތަނުގައި އެ ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގާ ފަރާތްތަކާ މެދު ތަފާތުކުރުމެއް ނެތި ފިޔަވަޅު އަޅަމުން ނުދާ ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިނުވާނޭ ގޮތަށް ދައުލަތުގެ ހިންގުން ބައްޓަންކޮށް، ނިޒާމުތައް ހަރުދަނާ ކުރުމުގައި އޭސީސީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށް އެމްޑީޕީގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. މި ކަންކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާކުރަން ބޭނުންވާތީ، ވީހާވެސް އަވަހަށް ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ހިންގާ ޕީއެންސީން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެމްޑީޕީން ވަނީ މީގެ ކުރިން އޭސީސީއަށް ގޮސް އިހުތިޖާޖުވެސް ކޮށްފަ އެވެ. ކެމްޕޭން ދުވަސްވަރު ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާތައް އުފުލި ނަމަވެސް، އޭސީސީން އެ މައްސަލަތައް ބަލާކަން ހާމަކުރީ ކެމްޕޭން މަރުހަލާ ނިމުނު ފަހުންނެވެ.

އިންތިޚާބުތަކާ ގާތްކޮށް ވަޒީފާ ދިނުމާއި، ފައިސާ ބެހުމުގެ އިތުރުން މަޝްރޫއުތަކުގެ ބިންގާ އެޅުން ފަދަ ކަންކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކަމަށް އާންމުންގެ ކަންބޮޑުވުންތައް އަބަދުވެސް އޮވެ އެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި އޭސީސީން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާ ކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ ގައުމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *